އިސްރަށްވެހިންނާއި ގާލް ގައިޑުންނާއެކު ދާނުގައި ތިބޭ މީހުންނަށް ޒިޔާރަތްކުރަން ފަށައިފ

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' ގެ ދަށުން އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު އިސްރަށްވެހިންގެ ތެރެއިން ދާނުގައި ތިބޭ މީހުންގެ ގާތަށް ޒިޔާރަތްކުރަން ފަށައިފިއެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ބެޑްރިޑަން ޕްރޮގްރާމް' އަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
އާ ބަދަލުތަކާއެކު އިއްޔެ ފަށައިގަތް 'ބެޑްރިޑަން ޕްރޮގްރާމް' ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންގެ ތެރެއިން ވޮލަންޓިއަރކޮށް ގެތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިގެން، އެ މީހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ގެތަކަށް ޒިޔާރަތްކުރާއިރު މުޢާމަލާތުކުރަންވީ ގޮތުގެ ފުރިހަމަ ތަމްރީނު ވަނީ ދެވިފައެވެ. އަދި އެމީހުންނާއެކު ގާލް ގައިޑްގެ ކުދިންވެސް ބައިވެރިވާނެއެވެ.
އެގޮތުން މި ޕްރޮގްރާމުގައި ވޮލަންޓިއަރުންގެ ގޮތުގައި ގެތަކަށް ޒިޔާރަތްކުރާ މީހުން ޓީމުތަކަށް ބަހާލައިގެން ދާނުގައި ތިބޭ މީހުންނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، މަހަކު އެއްފަހަރު މަދުވެގެން ޓީމުތަކުން ގެތަކަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ އިސްރަށްވެހިންނާއި ޢާއިލާތަކުގެ ޙާލު ބަލާނެއެވެ.
ހަމައެއާއެކު، އެ މީހުންނާއެކު ހިތްހަމަޖައްސާލުމަށް ކުރެވިދާނެ ތަފާތު ކަންކަމާ ގުޅޭ މަޝްވަރާތައްކޮށް، އެ ވަސީލަތްތައް ޒިޔާރަތްތަކުގެ ތެރެއިން ފަހިކޮށްދޭނެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްރަށްވެހިންގެ ތެރެއިން އެކި ސަބަބުތަކާހުރެ ދާންމަތިވެފައިވާ ފަރާތްތަކަކީވެސް ޝާމިލުވާ، އަބުރުވެރިކަމާއެކު އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުމަކީ އޯގާތެރި މުޖުތަމަޢެއްގެ މުހިންމު ސިފައެކެވެ.
އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު މިނިސްޓްރީއިން މިފަދަ ޕްރޮގްރާމެއެއް ފަށައިގަތުމުގެ މައިގަނޑު މަޤްޞަދަކީ ދާންމަތިވެފައިވާ އިސްރަށްވެހިންނާއި، އެ ފަރާތްތައް ބަލަހައްޓާ ފަރާތްތަކަށް ޒިޔާރަތްކޮށް ޙާލު ބަލައި އެ ޢާއިލާ ތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމެވެ. މިކަމުގެ ސަބަބުން، މުޖުތަމަޢުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިކަމާއެކު އަޅާލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަޤާފަތް ދިރުވުމާއި، އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ހަމައެއާއެކު، ޒުވާނުންނާއި އިސްރަށްވެހިން ޝާމިލުވެގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން އިޖްތިމާޢީ ކަންކަމުގައި ޝާމިލުކުރުން އިތުރުކުރުމާއި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހުރި އޯގާތެރިކަމާއި އަޅާލުމުގެ މަތިވެރި ސިފަތައް އެއްޖީލުން އަނެއް ޖީލަށް ދަސްކޮށްދިނުމާއި އަށަގެންނެވުމެވެ. އަދި މިއީ ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކޮށް ޒުވާނުންނާއި އިސްރަށްވެހިންގެ އިޖްތިމާޢީ ގުޅުން ބަދަހިކޮށްދޭނެ ހަރަކާތްތަކެކެވެ.

© 2026 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ