Ministry of Social and Family Development Logo

ފ. މަގޫދޫ އަދި ދަރަނބޫދޫ ގައި އިބަމަ އިފްތިތާޙްކުރުމަށްޓަކައި ބައްދަލުވުންތަކެއް ބާއްވައިފި

people from F atoll sitting in an ibama info session, ministry staff standing facing them and talking

ފ. މަގޫދޫ އަދި ދަރަނބޫދޫ ގައި އުފައްދާފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އިފްތިތާޙްކުރުމަށްޓަކައި މިވުޒާރާއިން އެ ރަށްތަކުގައި ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

މި ދެ ރަށުގެ ރައްޔިތުނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި އިބަމައިގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، މި ބައްދަލުވުންތަކުގައި މި ވުޒާރާގެ ފަރާތުން ކުރިޔަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ވުޒާރާއިން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ޚާއްސަ މަސައްކަތެކެވެ. 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

ހަމައެހެންމެ، ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ އިބަމަ ގުރޫޕްތަކުގެ މެންބަރުންގެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް 4 ދުވަހުގެ ތަމްރީން ޕްރޮގްރާމެއްވެސް ވަނީ މި މަހުގެ 13 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ފ.ނިލަންދޫގައި ކުރިއަށް ގެންގޮސްފައެވެ.