ސީ.ބީ.އާރް ތަމްރީން ޕްރޮގްރާމް މ އަތޮޅުގައި ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނަށް ރަށުފެންވަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން (ސީ.ބީ.އާރް) ތަމްރީން ޕްރޮގްރާމް މ އަތޮޅުގައި މިއަދު ފަށައިފިއެވެ.
ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް މުޅި މުޖުތަމަޢު ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅުންހުރި ގިނަ މަޢުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.
މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފް ގެ އިތުރުން، މ.އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ނިމާލް އަދި މުލި ކައުންސިލް ރައީސް، ޝައްމޫން ރަމީޒް ވަނީ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނާއި ބައްދަލުކޮށް ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން، މި ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ މުހިންމު ކަމާ ގުޅޭ ގޮތުން މި ތިން ބޭފުޅުންގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. ހަމައެހެންމެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަނެ އެ ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށު ފެންވަރުގައި މުޅި މުޖުތަމަޢު ގުޅިގެން ކުރެވޭނެ ކަންކަން އެބަހުރިކަމަށާއި، މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން މިގޮތަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވިގެން ދާނެކަމަށް ސްޓޭޓް މިނިސްޓަރ އާތިފް ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 25 އިން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން (ސީ.ބީ.އާރް) ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އެ ފަރާތްތަކަށް ރަށު ފެންވަރުގައި ފޯރުކޮށްދެވޭނެ އެހީތެރިކަން ގާތުން ދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން، އެ ފަރާތްތަކުގެ ގެތަކަށް ޒިޔާރަތްކޮށް، ހާލަތު ބަލާ، ޟަރޫރީ ބޭނުންތައް ފުއްދުމުގައި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ރަށުން ލިބެން ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތަކީ މި ޕްރޮގްރާމުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެކެވެ.

© 2026 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ